ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭ ގޮތުން އެޓަރނީ ޖެނަރަލްގެ އޮފީހުން މަޖިލީހުގެ ކޮމިޓީއަށް މަޢުލޫމާތު އަރުވައިފި

މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރައްވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން އިއްޔެ އެ ބިލާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވެ، އެ ކޮމިޓީއަށް ބިލާގުޅޭ މަޢުލޫމާތު އަރުވައިފިއެވެ. އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ޚިޔާލު ހޯދުމާއި، އިޞްލާޙުކުރަން ހުށަހަޅާ ކަންކަމާމެދު މަޝްވަރާކުރުމެވެ.

އިއްޔެ ބޭއްވުނު ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކޯޓުތަކާއި، ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައިވެރިވިއެވެ.