ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ހާޟިރުވެ، މަޢުލޫމާތު އަރުވައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ފަރާތުން ހިންގަމުންގެންދާ ތަފާތު ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ މައްސަލައާ ގުޅިގެން އެ ކޮމިޓީން އިއްޔެ ބޭއްވެވި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވެ މަޢުލޫމާތު އަރުވާފައިވެއެވެ. މި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވީ ސީނިއަރ ސްޓޭޓް އެޓަރނީ، އަލްއުސްތާޛް ޢަލީ ޝުހައިލް މުޙައްމަދު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދު އޮތް ބައްދަލުވުމުގައި، ބިދޭސީންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި، ކަމާގުޅޭގޮތުން ސަރުކާރުން އަލަށް އެކުލަވާލަމުންދާ ބިލުތަކާ ގުޅޭ މަޢުލޫމާތު ކޮމިޓީއާ ހިއްސާކުރެވުނެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް އިމިގްރޭޝަން، މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި މާލެ ސިޓީ ކައުންސިލުގެ އޮފިޝަލުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.