ދިވެހިރާއްޖޭގައި އަމަން އަމާކަމާއި ސިޔާދަތު ރައްކާތެރި ކުރުމާއި، ޢަދްލުއިންޞާފު ޤާއިމް ކުރުމާއި، ޤާނޫނީ އަދި ޝަރުޢީ ނިޒާމު ޙަރުދަނާ ކުރުމާއި، ދައުލަތުން ކުރާ ދަޢުވާތަކާއި ދައުލަތަށް ދަޢުވާ ލިބޭ މައްސަލަ ތަކުގައި ވަކާލާތުކުރުމަށްޓަކައި ބަންޑާރަނައިބުގެ މަޤާމެއް އުފެދިފައިވާކަން ތާރީޚުން އެނގެން އޮވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ މުހިންމު އަހަރުތަކަކީ:

• 1932: ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގައި ބަންޑާރަނައިބުގެ މަޤާމަކީ ކޮބައިކަމާއި މި މަޤާމުގައި ހުންނަވާ ބޭފުޅެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް ސާފުކޮށް ބަޔާކުރުން.
• 1950: ބަންޑާރަނައިބުގެ އޮފީހަކީ ވަކި މުސްތަޤިއްލު އޮފީހެއްގެ ގޮތުގައި ހަމަޖެހި، ޖިނާއީ ކުށްތަކާއި ސިޔާސީ މައްސަލަތަކުގައި މެނުވީ ތަޙުޤީޤު މަރުޙަލާގައި ޙާޟިރުވާން ނުޖެހޭގޮތަށް ހަމަޖެހުން.

• 1960: ތަޙުޤީޤުގެ އެއްވެސް މަރުޙަލާއެއްގައި ބަންޑާރަނައިބުގެ އޮފީހުގެ އެއްވެސް ހިއްސާއެއް ނޯންނަގޮތަށް ހަމަޖެހުން.

• 1968: “ބަންޑާރަނައިބުގެ އޮފީސް” ގެ ނަން “އެޓަރނީ ޖެނެރަލްގެ އޮފީސް” ގެ ނަމަށް ބަދަލުވުން، އަދި ޤާނޫނު ނަންބަރު 3/68 (އޮފިޝަލް ކަންތައް ޗެޕްޓަރ 1) އަށް ގެންނެވި އިޞްލާޙުގެ ދަށުން ރަސްމީ ސިފައެއްގައި މިއޮފީހުގެ މަސައްކަތްތައް ކުރަން ފެށުން.

• 1968: ބަންޑާރަނައިބުގެ މަޤާމަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މަޤާމަކަށްވެ، ސަރުކާރުގެ އިދާރާތަކަށް ދޭންޖެހޭ ޤާނޫނީ ލަފާއެރުވުމަކީ ބަންޑާރަ ނައިބާއި އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރައްވަން ޖެހޭ މަސައްކަތްތަކެއްގެ ގޮތަށް ހަމަޖެހުން.

• 1978: ދިވެހި ސަރުކާރާއި އެހެނިހެން ފަރާތަކާއި ދެމެދު ކުރެވޭ އެކިއެކި އެއްބަސްވުންފަދަ ލިޔުންތަކާއި ބެހޭ ގޮތުން ޤާނޫނީ ގޮތުން ބަލަން ޖެހޭ ބެލުންތައް މިއޮފީހުގެ މަސްއޫލިއްޔަތުތަކުގައި ހިމެނުން.

2000 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ޒަމާނީ ދިމިޤްރާތީ ނިޒާމެއް ތައާރުފުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިޞްލާޙީ އެޖެންޑާގެ ދަށުން ކުރި މަސައްކަތުގައި މިއޮފީހުން ޙަރަކާތްތެރިވިއެވެ. އަދި 2002 ޖަނަވަރީ 22 ގައި ދިވެހިރާއްޖޭގެ ލޯ ކޮމިޝަން އުފައްދަވައި، އެތަން ވަކި އިދާރާއެއްގެ ގޮތުގައި ހަމަޖެހުނުކަމުގައިވީ ނަމަވެސް އެއިދާރާގެ ކަންތައްތައް ޖުމްލަގޮތެއްގައި ބަލައި ހިންގުމުގައި މިއޮފީހުން ޙަރަކާތެރިވެ، އެ ކޮމިޝަންގެ ރިޔާސަތު ބަންޑާރަނައިބު ބެލެހެއްޓެވިއެވެ. 2005 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ލޯ ލައިބްރަރީ ހުޅުވުމާއި ގުޅިގެން އެ ލައިބްރަރީގެ އިދާރީ މަސައްކަތްތައް ރާވާ ހިންގުމުގައި ވެސް މި އޮފީހުން ޙަރަކާތްތެރިވިއެވެ.

2008 އޮގަސްޓް 27 ގައި ޢަމަލުކުރަންފެށުނު ‘ފެހި’ ޤާނޫނުއަސާސީގައި، ބަންޑަރަނައިބުގެ މަޤާމަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މަޤާމެއްގެ ގޮތުގައި ހަމަޖައްސައި، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރައްވާފައިވެއެވެ.

އެޓަރނީ ޖެނެރަލްގެ މަޤާމް ފުރުއްވާފައިވާ ބޭފުޅުންގެ މަޢުލޫމާތު މި ލިންކް އިން ލިބިވަޑައިގަންނަވާނެ.