އެޓަރނީ ޖެނެރަލްގެ އޮފީސް އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ.

2019 ޖަނަވަރީ 21 އިން ފެށިގެން މި އޮފީހުގެ މެންޑޭޓުގައި ހިމެނޭ މައިގަނޑު މަސައްކަތްތަކަކީ:

 • މަދަނީ މައްސަލަތަކުގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދައުލަތުގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުން.
 • އާބިޓްރޭޝަނާއި މީޑީއޭޝަން ފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ނިޒާމުތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ މައްސަލަތަކުގައި ސަރުކާރު ތަމްސީލުކުރުން.
 • ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުން ސޮއިކުރާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން، މި ލިޔުންތަކާ ގުޅޭކަންކަމުގައި އެ އިދާރާތަކަށް ޤާނޫނީ ލަފާދިނުން.
 • ސަރުކާރާއި އެކިއެކި ފަރާތްތަކާއެކު ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން.
 • އެކިއެކި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި އެ އިދާރާތަކުން އެކުލަވައިލާ ގަވާއިދުތަކަކީ ޤާނޫނުތަކުގެ ދާއިރާގެ ތެރޭގައި ހެދޭ ގަވާއިދުތަކެއްތޯ ބަލައި، އެގަވާއިދުތަކަށް ޢަމަލުކުރަން ފެށުމާ ބެހޭގޮތުންނާއި އެ ގަވާއިދުތަކަށް ގެނެވޭ އިސްލާޙުތަކާ ބެހޭގޮތުން ޤާނޫނީ ލަފާދިނުން.
 • ދިވެހިރާއްޖޭގެ ބޭންކުތަކާއި، ދިވެހިރާއްޖެއިން ބޭރުގެ ބޭންކުތަކާއި އެނޫންވެސް މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރީމަންޓްތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރީމަންޓްތައް ތަންފީޒު ކުރުމާގުޅޭ ގޮތުން އެ މާލީ އިދާރާތަކަށް ދޭންޖެހޭ ޤާނޫނީ ލަފާދިނުން.
 • ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުގެ ކުރިން އެ ބިލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން.
 • ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ދިވެހި ދައުލަތުން އުފުލަންޖެހޭ ބައިނަލްއަޤްވާމީ އިލްތިޒާމްތަކާ ގުޅޭގޮތުން ދިވެހި ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ޤާނޫނީ ލަފާދިނުން.
 • ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ރާއްޖެއިން ސޮއިކުރާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާ ގުޅޭގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން.
 • ދައުލަތާ ގުޅުންހުރި އެންމެހައި ކަންކަމުގައި ސަރުކާރަށް ޤާނޫނީ ލަފާދިނުން.
 • ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ޕްރޮސެކިއުޓަރ ޖެނެރަލަށް އެންގުން.
 • ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ބިލުތައް ބަޔާންކުރާ “ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ” އެކުލަވައިލައި، އެ އެޖެންޑާގެ ދަށުން އެކުލަވައިލަންޖެހޭ ބިލުތައް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކުލަވައިލުން.
 • ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަ ކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާތައް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރުމާއި، އެ ދާއިރާތަކުގެ މަޝްވަރާއާއެކު ކަމާގުޅޭ ބިލުތައް އެކުލަވައިލުން.
 • ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ޤާނޫނުތައް އުވާލުމަށް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކަށް މަޝްވަރާދިނުމާއި، ކަމާގުޅޭ ބިލުތައް އެކުލަވައިލުން.
 • ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ދިވެހި ދައުލަތުން އުފުލަންޖެހޭ އިލްތިޒާމްތަކާ ގުޅިގެން އަލަށް އެކުލަވައިލަންޖެހޭ ޤާނޫނުތަކާއި، އިޞްލާޙުތައް ގެންނަންޖެހޭ ޤާނޫނުތަކާގުޅޭ ބިލުތައް، ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު އެކުލަވައިލުން.
 • ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް، ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
 • އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުން.
 • އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ “ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ރިޕޯޓު”ތައް ތައްޔާރުކުރުމާއި، އެ ރިޕޯޓުތަކާ ގުޅިގެން ރާއްޖެއިން ކުރަންޖެހޭ ކަންކަން ކުރުން.
 • ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ތައްޔާރުކުރާ ރިޕޯޓްތައް އެކުލަވައިލުމުގައި އެހީތެރިވެ، އެ ރިޕޯޓްތައް ކަމާބެހޭ “ޓްރީޓީ ބޮޑީ” ތަކަށް ހުށަހެޅުމުގެ ކުރިން އެ ރިޕޯޓްތަކަށް ޤާނޫނީ ލަފާދިނުން.
 • ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އުސޫލުތަކަކީ އިންސާނީ ޙައްޤަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެކުލަވައިލާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އުސޫލުތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އުސޫލުތަކުގައި ހުރި އިންސާނީ ޙައްޤުތަކާ ޚިލާފު ކަންތައްތައް ފާހަގަކޮށް، ދައުލަތުގެ އިދާރާތަކުންނާއި، ބައިނަލްއަޤްވާމީ އިދާރާތަކުން ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
 • އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާއި، ސަރަޙައްދީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤުކުރުމާގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާއި، ހުށަހަޅާ ހުށަހެޅުންތަކާގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
 • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ޝާއިޢުކުރުމާއި، އެ ޤާނޫނުތައް ފަސޭހަކަމާއެކު ބެލޭނެ އަދި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމާއި، ޤާނޫނުތަކަށް ގެނެވޭ އިސްލާޙުތައް ހިމެނޭގޮތުން ޤާނޫނުތައް އަލުން އެކުލަވައިލައި (ކޮންސޮލިޑޭޓްކޮށް)، ކަނޑައެޅޭ ވަކި މުއްދަތުތަކަކުން އާކުރަމުން ގެންދިއުން.
 • ދިވެހިރާއްޖޭގެ ޤާނޫނުތައް ތަރުޖަމާކޮށް ޢާންމުކޮށް ލިބޭނެގޮތް ހަމަޖެއްސުން.
 • ރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުން.
 • ކްލެމެންސީ ބޯޑުގެ މަސައްކަތްތަކުގައި އެޓަރނީ ޖެނެރަލްއަށާއި ބޯޑުގެ ދާއިމީ މެންބަރުންނަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުން.
 • ސަރުކާރު އޮފީސްތަކުގައި ޤާނޫނީ ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުން ތަބާވާންޖެހޭ ޙާއްޞަ މިންގަނޑުތައް އެކުލަވައިލުން.
 • ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ބަންޑާރަ ނާއިބާ މަތިކޮށްފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.