Publication Thumbnail

ތަޢާރަފް

24 ޖުލައި 2025


ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަކީ 2009 ވަނަ އަހަރުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާ މަސައްކަތެކެވެ.
އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މި އޮފީހުންނެވެ.
އަދި ހަމައެއާއެކު، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް މި އޮފީހުންނެވެ.
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދަނީ ގަވާއިދު ނަންބަރު 2021/R-4 (ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
 

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅަނީ 18 (އަށާރަ) އަހަރުން މަތީ ފަރާތެއްނަމަ:

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
  • ލީގަލް އެއިޑްއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް (އައިޑީ ކާޑު / ޕާސްޕޯޓް / ޑްރައިވިންގ ލައިސަންސް / އުފަންދުވަހުގެ ސެޓިފިކެޓް)؛
  • ލީގަލް އެއިޑްއަށް އެދޭ ފަރާތަކީ މީހަކާ އިނދެގެން ހުރި ފަރާތެއްނަމަ، އިނދެގެން އުޅޭ މީހާގެ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް (އައިޑީ ކާޑު / ޕާސްޕޯޓް / ޑްރައިވިންގ ލައިސަންސް / އުފަންދުވަހުގެ ސެޓިފިކެޓް)، އަދި ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ؛
  • ލީގަލް އެއިޑްއަށް އެދޭ ފަރާތުގެ ދަރިން ތިބިނަމަ، ދަރިންގެ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް (އައިޑީ ކާޑު / ޕާސްޕޯޓް / އުފަންދުވަހުގެ ސެޓިފިކެޓް)؛
  • ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، އެންމެ ފަހު 3 (ތިނެއް) މަސް ދުވަހުގެ މުސާރައިގެ ބަޔާން؛
  • ލީގަލް އެއިޑަށް އެދޭ ފަރާތުގެ ނަމުގައި ހުޅުވާފައިވާ ނުވަތަ އޭނާއަށް ފައިސާ ނެގޭ ގޮތަށް ހުޅުވާފައިވާ ބޭންކް އެކައުންޓް / އެކައުންޓްތަކުގެ އެންމެ ފަހު 3 (ތިނެއް) މަސް ދުވަހުގެ ސްޓޭޓްމަންޓް؛ ނުވަތަ ސްޓޭޓްމަންޓް ނެގޭ ޙާލަތެއްގައި ނުވާނަމަ، އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭންކް ސްޓޭޓްމަންޓް ހޯދުމާމެދު އިޢުތިރާޟުނުކުރާކަމުގެ ލިޔުން؛
  • އެހެން މީހެއްގެ އަމިއްލަ މަސައްކަތެއްގައި ވަޒީފާ އަދާކުރާނަމަ، އެ މަސައްކަތުން ލިބޭ އާމްދަނީ ޔަޤީންކޮށްދެވޭނެ ލިޔުމެއް؛
ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ޢިމާރާތެއް ކުއްޔަށް ދީގެން އާމްދަނީ ލިބޭނަމަ، އެކަން ޔަޤީންކޮށްދެވޭނެ ލިޔުމެއް؛
  • ޕެންޝަން ނުވަތަ ޚާއްޞަ އެހީގެ ގޮތުގައި ފައިސާ ލިބޭ ފަރާތެއްނަމަ، އެކަން ޔަޤީންކޮށްދެވޭނެ ލިޔުމެއް (އެންމެ ފަހު 3 (ތިނެއް) މަސް ދުވަހަށް)؛
  • އެހެން ގޮތަކުން އެހީއެއް ނުވަތަ ފައިސާއެއް ލިބޭނަމަ، އެކަން ޔަޤީންކޮށްދެވޭނެ ލިޔުމެއް؛
ކުއްޔަށް އުޅޭނަމަ، އެކަން ޔަޤީންކޮށްދެވޭ ލިޔުމެއް (ކުލީގެ އެއްބަސްވުން / ކުއްޔަށްދޭ ފަރާތުން އެކަން ކަށަވަރުކޮށްދީފައިވާ ލިޔުމެއް).
  • ކުށުގެ ތުހުމަތުކުރެވޭ މީހާ ހުރީ ހައްޔަރުކޮށްފައިނަމަ ނުވަތަ ބަންދުކޮށްފައިނަމަ، އެމީހަކު ބަންދުކޮށްފައިވާ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނަ އިދާރާ؛
  • ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ އުމުރުން ދުވަސްވީ މީހެއްނަމަ، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްނަމަ، އެފަރާތުގެ ޢާއިލާ، ނުވަތަ އެފަރާތް ބެލުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތް، ނުވަތަ އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކަމާބެހޭ އިދާރާ، ނުވަތަ ކަމާބެހޭ ކޯޓު.
 

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅަނީ 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއްނަމަ:

 
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
  • ލީގަލް އެއިޑްއަށް އެދޭ ކުއްޖާގެ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް (އައިޑީ ކާޑު / ޕާސްޕޯޓް / އުފަންދުވަހުގެ ސެޓިފިކެޓް).
 ކުށުގެ ތުހުމަތުކުރެވޭ ކުއްޖާގެ އިތުރުން، އަންނަނިވި ފަރާތްތަކަށް ފޯމު ހުށަހެޅިދާނެއެވެ.
  • ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ؛
  • ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކަމާބެހޭ އިދާރާ؛
  • ކަމާބެހޭ ކޯޓު؛
  • ކުށުގެ ތުހުމަތުކުރެވޭ ކުއްޖާ ހުރީ ހައްޔަރުކޮށްފައިނަމަ ނުވަތަ ބަންދުކޮށްފައިނަމަ، އެމީހަކު ބަންދުކޮށްފައިވާ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނަ އިދާރާ.
 ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިއުންތަކާއެކު ފޯމު ހުށަހަޅުއްވާނީ އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވިދާނެއެވެ.