ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރައްޔިތުންނަކީ
ކޮބައިތޯ ބަލާއިރު، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ދިވެހިރައްޔިތެއް
ކަމުގައިވާ ކޮންމެ މީހަކާއި، ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް، ނުވަތަ
ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތަކަށްވެއްޖެ ކޮންމެ ބިދޭސީއަކީ
ދިވެހިރައްޔިތެއްކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، އެ މާއްދާގެ (ރ) ގައި،
މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެ ކަމުގައި ޞަރީޙަ ޢިބާރާތުން
ބަޔާންކޮށްފައިވެއެވެ.
އޭގެ
އިތުރުން، ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ށ) އިން ދިވެހިރައްޔިތެއްގެ ކިބައިން
ދިވެހިރައްޔިތުކަން ނިގުޅައިނުގަނެވޭނެކަން ކަށަވަރުކޮށްދެއެވެ. އެހެންނަމަވެސް،
ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން، ދިވެހިރައްޔިތުކަން ދޫކޮށްލަން
އެދޭ ކޮންމެ މީހަކަށް ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތުކަން
ދޫކޮށްލެވިދާނެއެވެ.
ދިވެހިރައްޔިތަކަށްވުމަށް އެދޭ ބިދޭންސީންނަށް ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ މަޢުލޫމާތު އެނގޭ މިންވަރު ބެލުމަށްޓަކައި އެ ފަރާތްތަކަށް
އިމްތިޙާން އިންތިޒާމު ކުރަނީ މި އޮފީހުންނެވެ. މިގޮތަށް އެދޭ ފަރާތްތަކުން
އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ
[email protected] އީ-މެއިލް އެޑްރެހަށެވެ.
ދިވެހި ރައްޔިތަކަށްވުމަށް އެދޭ ބިދޭންސީންނަށް ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ މަޢުލޫމާތު އެނގޭ މިންވަރު ބެލުމަށްޓަކައި އެކަމަށް އެދި
ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި
ލިންކް އިން
ލިބިވަޑައިގަންނަވާނެއެވެ. އަދި އެޕްލިކޭޝަން ފޯމާއެކު އަންނަނިވި ލިޔުންތައް
ހުށަހަޅަންޖެހޭނެއެވެ.
- ޕާސްޕޯޓް ސައިޒު ފޮޓޯ
- ޕާސްޕޯޓް ކޮޕީ
- މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހެދި އިމްތިހާނުގެ ނަތީޖާގެ ކޮޕީތައް
އެޕްލިކޭޝަން
ފޯމުހުށަހެޅުއްވުމުން މި އޮފީހުގެ އެޑްމިންނިސްޓްރޭޝަން ސެކްޝަނުން،
އިމްތިހާނުގެ ޕޭޕަރު ތައްޔާރުކުރުމަށް އެދި ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް
އެފެއާޒް ޑިވިޜަން އަށް ފޮނުއްވާނެއެވެ. އަދި ޕޭޕަރު ތައްޔާރުވުމުން،
ތިބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އިމްތިހާނު ކުރިޔަށްދާނެ ދުވަހަކާއި
ވަގުތެއް ހަމަޖެހިގެންދާނެއްވެ.