ތަޢާރަފު

ތަޢާރަފު
މި އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކޮންމެ މީހަކަށް ލިބިދީފައިވާ އެންމެހައި މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްްްޤުތައް ލިބިދޭކަން ކަށަވަރުކުރުމާގުޅޭ މަސައްކަތްތައް ކުރުމަށް، ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގުމަށް 17 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ އޮފީހެކެވެ.
މެންޑޭޓް
މި އޮފީހުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
  1. ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ރައްކާތެރިކޮށް، އެ ޙައްޤުތައް މީހުންނަށް ލިބިދޭކަން ކަށަވަރުކުރުމާގުޅޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުން.
  2. މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާގުޅޭ ޝަކުވާތަކާއި، މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ލިބިނުދީ ހިފެހެއްޓުމާގުޅޭ ގޮތުން މީހުންކުރާ ޝަކުވާތައް ސަރުކާރަށް ހުށަހަޅާނެ ރަސްމީ ނިޒާމެއް ޤާއިމުކޮށް، އެ ޝަކުވާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  3. ދައުލަތުގެ މުއައްސަސާތަކުން މީހުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މީހުންގެ މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދެވޭނެ ގޮތަށް އެ މުއައްސަސާތަކުން ކަންކަން ކުރަމުންގެންދޭތޯ ބަލައި، މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ޙިމާޔަތްކުރުމަށް ސަރުކާރުގެ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް މުރާޖާޢާކޮށް، ކަމާގުޅޭ މަޝްވަރާއާއި ލަފާދިނުން.
  4. މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ދިވެހިރާއްޖޭގެ ޖަމްޢިއްޔާ ޖަމްޢަތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މަދަނީ ޙައްޤުކާއި ސިޔާސީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭ ޕްރޮގްރާމުތައް ރާވައި ހިންގުން.
  6. މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އެހީ ދޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެފަދަ ޖަމްޢިއްޔާތަކާއެކު ހިންގޭ އެކިއެކި ޙަރަކާތްތައް ވިލަރެސްކުރުން.
  7. މަދަނީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމާ ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުން.