ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ
(މުޢާހަދާ) ގެ ދަށުން، 2021 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 6 - 7 ވަނަ
ޕީރިއޮޑިކް ރިޕޯޓު، އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ކޮމިޓީ) އިން
ރިވިއުކުރުމަށްޓަކައި 12 އަދި 13 ޖަނަވަރީ 2026 ގައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން
ވަނީ ބައިވެރިވެފައެވެ.
11 ފެބުރުވަރީ
1991 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން
ހުށަހަޅާފައިވާ 6 - 7 ވަނަ ޕީރިއޮޑިކް ރިޕޯޓަކީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް
ލިބިދިނުމާ ގުޅޭގޮތުން ކޮމިޓީން ދިވެހިރާއްޖެއަށް ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކާއި،
2016 އިން 2021 ގެ ނޮވެންބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖެއިން ކުޑަކުދިންގެ ޙައްޤުތައް
ރައްކާތެރިކޮށް، ޙިމާޔަތްކުރުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު
ހިމަނާފައިވާ ރިޕޯޓެކެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ރިވިއުގައި،
މުޢާހަދާ ތަންފީޛުކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހިރާއްޖެއިން
ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ
ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.
މި ރިވިއުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގެ ވެރިޔާގެ
ޙައިޞިއްޔަތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި،
ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލު ކަމަށާއި، ކޮންމެ ކުއްޖެއްވެސް ބޮޑުވަނީ ކަރާމާތާއި
ރައްކާތެރިކަން ލިބިގެން، ކަންކަމުގައި އެކުދިން ދެކޭގޮތް ބަލައިގަންނަ މާހައުލެއްގައިކަން
ކަށަވަރުކުރުމަކީ ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަން ކަމަށް ވިދާޅުވެފައިވެއެވެ.
އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި،
ސިޔާސަތުތަކާއި، ތަރައްޤީގެ މަސައްކަތްތަކަށް މަގުދައްކައިދޭ މުޢާހަދާއެއްކަން ފާހަގަކުރައްވައި،
ކަމާބެހޭ ނިޒާމުތައް ހަރުދަނާކޮށް، ކުޑަކުދިންނަށް ރައްކާތެރި، އެކުދިންނަށް އިޙްތިރާމްކުރާ،
އަދި އެކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލުތައް ހޯދައިދިނުމަށް މި ސަރުކާރުން
އަބަދުވެސް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައިވެއެވެ.
މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި،
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ
އެންޑް ޓެކްނޮލޮޖީ އަލްފާޟިލް ޢަލީ އިޙްސާންގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހާއި،
މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި،
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ބޭފުޅުންނާއި، ޖެނީވާގައި ހުންނަ އ.ދ. ގެ
އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ރިވިއު ސެޝަނަށްފަހު، ދިވެހިރާއްޖެއިން ހުށަހެޅި ރިޕޯޓާއި،
ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް
ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް ޙިއްޞާކުރާނެއެވެ.