4 އެޕްރީލް 2026 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް
ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި
ޤާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭގޮތުން ޢާންމު ރައްޔިތުންނަށް އޮޅޭގޮތަށް މަޢުލޫމާތު
ފަތުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު
ކުރިއަށްދާނެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ޤާނޫނުއަސާސީއަށް
ގެނައުމަށް ރައްޔިތުންގެ މަޖިލީހުން 10 ފެބުރުވަރީ 2026 ގައި ފާސްކޮށްފައިވާ ޤާނޫނުއަސާސީއަށް
8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަން ރައްޔިތުންނަށް
ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓެކެވެ.
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ،
ދެ މަޤުޞަދެއް ޙާޞިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެކެވެ. އެގޮތުން، އެންމެ
ފުރަތަމަ މަޤުޞަދަކީ، ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
ބޭއްވުމެވެ. ދެވަނަ މަޤްޞަދަކީ، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން
މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭގޮތަށް،
މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ
ޢުމުރު 5 އަހަރު ދުވަހަށް ވުރެ ކުރުކުރުމެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ދިވެހިރާއްޖޭގެ ދުސްތޫރީ
ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިޞްލާޙުތަކަކީ،
ރައްޔިތުންގެ ބަހެއް ނެތި، ތަސްދީޤުކޮށް ޢަމަލުކުރަންފެށޭނެ އިޞްލާޙުތަކެއް ނޫނެވެ.
އެގޮތުން، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ޤާނޫނުއަސާސީއަށް އިޞްލާޙު
ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ޤާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ
އެ ބިލެއް ތަސްދީޤުކުރުމުން ކަމަށާއި، 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ
ވަކި މާއްދާތަކެއް އިޞްލާޙުކުރާނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރަންވާނީ،
އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ
ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން އެ އިޞްލާޙެއް ގެނައުމަށް ފެންނަކަމުގައި
ނިންމައިފިކަމަށްވާނަމަ ކަމަށް ބަޔާންކޮށްފައިވެއެވެ.
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ
ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އެވެ.
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު
ގުނުމުގެ އުޞޫލު ބަދަލުކުރުމަށްޓަކައި، އިސްލާޙުކުރެވޭ މާއްދާއަކީ ޤާނޫނުއަސާސީގެ
79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކޮށް ޢަމަލުކުރަން ފެށޭނީ، ޤާނޫނުއަސާސީގެ
262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ
ރައްޔިތުންނަށް އެ ބިލު ތަސްދީޤުކުރަން ފެންނަނަމައެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް
ލާޒިމުވާ ޙާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ޤަރާރަކުން އެކަން ކަނޑައަޅަންވާނެ
ކަމަށާއި، އެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ
ނުވަތަ ސުވާލުގެ ފުރިހަމަ ޢިބާރާތާއި، އެ މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް
އެދި ހުށަހަޅާ ސަބަބާއި، ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ހިމަނަންވާނެކަމަށް
ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު)
ގައި ބަޔާންކޮށްފައިވެއެވެ. މި އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން، 16 ފެބުރުވަރީ
2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަރާރު ނަންބަރު 2/2026 ދިވެހިޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ
ޢާންމު ވޯޓު ނެގުމުގެ ޤަރާރު ނެރުއްވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު
ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ
އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް
8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
މި ސުވާލެވެ.
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ލާޒިމްކުރަނީ އެ
މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް އިޞްލާޙު ކުރުމަށްޓަކައި،
ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓެއް ނެގުމެވެ. އަދި އެކަން ކުރުމުގެ އިޖުރާއަތު ބަޔާންކުރަނީ
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގައެވެ. ޤާނޫނުއަސާސީއަށް
8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް
ހުށަހަޅާފައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ޚިޔާލު
ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، ރައްޔިތުންނަށް
ހުށަހެޅިފައިވާ ސުވާލަކީ ޤާނޫނުއަސާސީއަށް
ގެނެވޭ 8 ވަނަ އިޞްލާޙުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށް ތަޢާރަފުކުރާ
އުޞޫލަށް ޢަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން،
ޤާނޫނުއަސާސީއިން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުޠު ފުރިހަމަވީކަމަށް ބެލެވޭނެއެވެ.
މިކަން މިނޫންގޮތަކަށް މާނަކުރުމަކީ ޤާނޫނީ އަދި ދުސްތޫރީ އުޞޫލުތަކާ ތައާރަޞްވާނެކަމެކެވެ.
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް ޢަމަލުކޮށްފައިވާނީ،
ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.