ހިމަނާފައިވާ ލިޔުންތައް

Publication Thumbnail

ނޫސް ބަޔާން: ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ހަތަރުވަނަ ސައިކަލްގައި ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް އެޑޮޕްޓްކުރުމާގުޅޭ

16 ނޮވެންބަރު 2025


Featured Image
5 ނޮވެންބަރު 2025 ގައި ކުރިއަށްދިޔަ، ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު) ގެ ހަތަރުވަނަ ސައިކަލްގައި، ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް، 14 ނޮވެންބަރު 2025 ގައި ބޭއްވުނު ސެޝަންގައި، ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ވަނީ އެޑޮޕްޓްކޮށްފައެވެ.
ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕްގެ ރިޕޯޓުގައި، ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި 104 ޤައުމަކުން، ކުރިއަށް އޮތް ޔޫ.ޕީ.އާރު. ސައިކަލްގައި ދިވެހިރާއްޖެއިން ތަންފީޛުކުރުމަށް ހުށަހަޅާފައިވާ 284 ރެކޮމެންޑޭޝަން ހިމަނާފައިވެއެވެ.  މި ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެނީ، އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް އަންހެނުންނާއި، ކުޑަކުދިންނާއި މުޖުތަމަޢުގެ އަޅާލުން ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރުމާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށާއި، ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އެންމެންގެ ބައިވެރިވުން ޔަޤީންކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކެވެ.
މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން ދިވެހިރާއްޖެއިން ތަންފީޛުކުރަންޖެހޭނީ، ދިވެހިރާއްޖެއިން ޤަބޫލުކުރާ ރެކޮމެންޑޭޝަންތައް ކަމަށްވާތީ، ޤައުމުތަކުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން އަންގައި، ހިއުމަން ރައިޓްސް ކައުންސިލްގެ ދެން އޮންނަ ސެޝަންގައި ދިވެހިރާއްޖެއިން ޖަވާބުދާރީވާނެއެވެ. ދިވެހިރާއްޖެއިން މި ރެކޮމެންޑޭޝަންތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕްގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކަށާއި، އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތްކުރާނެއެވެ.
ޔޫ.ޕީ.އާރު. ގެ ހަތަރުވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔުމުގައި، ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕްގެ ކޮމިޓީއާއި، ދައުލަތުގެ މުއައްސަސާތަކުން ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.