ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ސެންޓަރ އެންޓަރޕްރައިސަސް)
އިން 2021 ވަނަ އަހަރުގައާއި 2022 ވަނަ އަހަރުގައި ދިވެހި ދައުލަތާ ދެކޮޅަށް ޖުމްލަ
04 (ހަތަރެއް) ދަޢުވާއެއް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އެ ހަތަރު ދަޢުވާގައި ސެންޓަރ
އެންޓަރޕްރައިސަސް އިން ހުށަހެޅި ލިޔެކިޔުންތަކުގެ ޞައްޙަކަމާމެދު، އަދި ބައެއް މުޢާމަލާތްތަކުގެ
ޞައްޙަކަމާމެދު ސުވާލު އުފެދޭތީ، މި މައްސަލަތައް 04 ސެޕްޓެންބަރު 2022 ގައި އަދި އޭގެ
ފަހުންވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް މި އޮފީހުން ހުށަހަޅާފައިވާނެއެވެ. އަދި ހަމަ
އެ ތާރީޚުގައި މި މައްސަލަތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް މި އޮފީހުން
ގެނެސްފައިވާނެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން 19 އޮކްޓޫބަރު 2025 ގައި ޝާއިޢުކޮށްފައިވާ
"ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން 2008 ވަނަ އަހަރުގެ ތެރޭގައި
މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓް އާއި
ކޮންސިއުމަބްލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ ޚާއްޞަ އޮޑިޓްގެ ރިޕޯޓް"
ގައި ސެންޓަރ އެންޓްރޕްރައިސަސް އިން ފޯޖްކޮށްގެން އުފައްދާފައިވާ ޞައްޙަނޫން ލިޔެކިޔުންތަކެއް
ޝަރުޢީ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އަށް ބުރަވެވޭ ކަމާއި، އެ
ފަދައިން އެ ކުންފުނިން ޢަމަލުކޮށްފައިވަނީ މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން
ފައިސާ ހޯދުމަށް ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައާ
ގުޅޭ ޖިނާއީ ތަޙުޤީޤެއް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް އޮޑިޓަރ
ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް
ރިޢާޔަތްކުރައްވައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދި މި އޮފީހުން މިއަދު ދިވެހި ފުލުހުންގެ
ޚިދުމަތަށް ހުށަހަޅައިފީމެވެ.