5 ނޮވެންބަރު
2025 ގައި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހުގައި
ކުރިއަށްދިޔަ، ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު) ގެ ހަތަރުވަނަ ސައިކަލްގައި
ދިވެހިރާއްޖެއިން ބައިވެރިވެ، އެ ސެޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ރިވިއު ސެޝަންގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި
ދިވެހިރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީއާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި،
ސަރުކާރުގެ ސިޔާސަތުތައް ބަޔާންކޮށް، ދިވެހިރާއްޖޭގައި މަދަނީ އަދި ސިޔާސީ ޙައްޤުތައް
ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ޤާނޫނު ތަންފީޛުކުރުން ހަރުދަނާކުރުމަށްޓަކައި
ކުރެވެމުންދާ މަސައްކަތްތަކާއި، މުޖުތަމަޢުގެ ޚާއްޞަ އަޅާލުމާއި އެހީތެރިކަން ބޭނުންވާ
ފަރާތްތައް ބާރުވެރިކޮށް، އެފަރާތްތައް ރައްކާތެރިކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި،
އިޤްތިޞާދީ، އިޖުތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާގުޅޭގޮތުން
ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕާ މަޢުލޫމާތު ޙިއްސާކޮށްފައިވާނެއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގައި
އިންސާނީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ޢަމަލުކުރާނީ،
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިސްލާމްދީނުގެ ހަމަތަކާއި، ދިވެހީންގެ ޘަޤާފަތާއި
އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ފާހަގަކޮށްފައިވާނެއެވެ.
ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި 104 ޤައުމަކުން ބައިވެރިވެރިވެފައިވާއިރު،
ފާއިތުވި ސައިކަލްގައި ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ތަންފީޛުކުރުމަށްޓަކައި
ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތް ބަލައިގަންނަކަން ޤައުމުތަކުން ފާހަގަކޮށްފައިވެއެވެ.
އެގޮތުން، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި،
ޤާނޫނީ އޮނިގަނޑާއި، ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި،
އަންހެނުންނާއި، ކުޑަކުދިންނާއި، މުޖުތަމަޢުގެ ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ
ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި،
މޫސުމީ ބަދަލުތަކާގުޅޭގޮތުން ދިވެހިރާއްޖެއިން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް
ފާހަގަކޮށް، ދިވެހި ސަރުކާރުގެ ސިޔާސަތުތަކަށް ތަޢުރީފުކޮށް، ދިވެހިރާއްޖެއިން ހޯދަމުންދާ
ތަރައްޤީ އާއި ކާމިޔާބީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި ހުރިހާ
ޤައުމަކުންވަނީ، ކުރިއަށް އޮތް ސައިކަލްގައި ދިވެހިރާއްޖެއިން ތަންފީޛުކުރުމަށްޓަކައި
ރެކޮމެންޑޭޝަންތައް ހުށަހަޅާފައެވެ. އެގޮތުން، ޤައުމުތަކުން ހުށަހަޅާފައިވާ ގިނަ ރެކޮމެންޑޭޝަންތަކަކީ،
އަންހެނުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތައް
ރައްކާތެރިކުރުމަށާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ
އަސަރު ކުޑަކުރުމަށާއި، ޞިއްޙީ ދުޅަހެޔޮކަން ހަރުދަނާ ކުރުމަށާއި، ތަރައްޤީގެ ޕްލޭންތައް
އެކުލަވާލުމުގައި އެންމެންގެ ބައިވެރިވުން ޔަޤީންކުރުމަށްޓަކައި ދިވެހިރާއްޖެއިން މިހާރުވެސް ކުރަމުންދާ މަސައްކަތްތައް އެގޮތުގައި
ކުރިޔަށްގެންދިޔުމަށް ހުށަހަޅައި، ޤައުމުތަކުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކެވެ.
މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން، ދިވެހިރާއްޖެއިން ތަންފީޛުކުރަންޖެހޭނީ، ދިވެހިރާއްޖެއިން
ޤަބޫލުކުރާ ރެކޮމެންޑޭޝަންތަކެވެ.
އެގޮތުން، ޤައުމުތަކުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް
ބަލައިގަތުމާގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި، 12 ޑިސެންބަރު 2025 އާ ހަމައަށް ދިވެހިރާއްޖެއަށް
ފުރުޞަތު ލިބިގެންދާނެއެވެ. ދިވެހިރާއްޖެއިން މި ރެކޮމެންޑޭޝަންތައް ޤަބޫލުކުރާކަން
ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކަށާއި،
އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތްކުރާނެއެވެ.
ޔޫ.ޕީ.އާރު. އަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުގައި އިންސާނީ
ޙައްޤުތައް ރައްކާތެރި ކުރެވެމުންދާ މިންވަރާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤުވާމީ
މުޢާހަދާތައް ތަންފީޛުކުރެވެމުންދާ މިންވަރު ވަޒަންކުރުމަށްޓަކައި، ކޮންމެ ހަތަރު އަހަރުން
އެއް އަހަރު ކުރިއަށްގެންދާ ރިވިއު ޕްރޮސެސްއެކެވެ. ޔޫ.ޕީ.އާރުގެ ފަސްވަނަ ސައިކަލްގައި
ދިވެހިރާއްޖޭގެ ރިވިއު ދެން އޮންނާނީ، 2030 ގައެވެ.