ހިމަނާފައިވާ ލިޔުންތައް

Publication Thumbnail

ނޫސްބަޔާން: އުސޫލު ނަންބަރު 42-ޖީ/2022 (ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކާގުޅޭ

19 ޑިސެންބަރު 2024


Featured Image
ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ނިމިދިޔަ ސަރުކާރުން 28 ނޮވެންބަރު 2022 ގައި އެކުލަވާލި އުސޫލު ނަންބަރު 2022/G-42 (ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ސޮއިކޮށްފައިވާ 9 (ނުވައެއް) ސެޓްލްމަންޓް އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަށް ޢަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަނައިބު ނިންމަވައި، ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް މިއަދު އެކަން އަންގަވައިފިއެވެ.
އިސްވެ ދެންނެވި އުސޫލަކީ ޤާނޫނީ ހައިސިއްޔަތާއި ބާރު ލިބިގެންނުވާ އުސޫލެއްކަމުގައި ފާހަގަކޮށް، މި އޮފީހުން ދީފައިވާ ލަފަޔާ އެއްގޮތަށް، 21 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ އުސޫލާއި އެ އުސޫލުގެ ދަށުން އުފައްދާފައިވާ "މައްސަލަ ޙައްލުކުރުމަށް ލަފާދޭ ކޮމިޓީ" ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2023/12 (އުސޫލު ނަންބަރު 2022/G-42 (ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) އުވައިލުމުގެ ޤަރާރު) އިން އުވާލައްވައި، އެ އުސޫލުގެ ދަށުން ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް މި އޮފީހަށް ފޮނުއްވާފައިވެއެވެ.
އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީއަށް ފެނިވަޑައިގަންނަވާތީ، އެ އެއްބަސްވުންތައް ބާޠިލްކުރުމަށް ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި، މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން މި އޮފީހަށް އަންގަވާފައިވެއެވެ.
މި މައްސަލަތައް މި އޮފީހުން ދިރާސާކުރިއިރު، އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ބަހެއް ނެތި، ތަޢައްޞުފީ ގޮތެއްގައި، ވަކި ފަރާތްތަކަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން، އެ އުސޫލުގެ ދަށުން، ނިމިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ސޮއިކޮށްފައިވާ އަންނަނިވި 9 (ނުވައެއް) ސެޓްލްމަންޓް އެއްބަސްވުމަކީ، ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމާއި، އެއީ ބާޠިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަކީ ޢަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބަންޑާރަނައިބު ވަނީ މިއަދު އަންގަވާފައެވެ.

18 ޖުމާދަލްއާޚިރާ 1446
19 ޑިސެންބަރު 2024