22
ނޮވެންބަރު 2026 - އިންޓަރނޭޝަނަލް ކޯޓް އޮފް
ޖަސްޓިސް (އައި.ސީ.ޖޭ.) އަށް ހުށަހެޅުނު "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން
އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ
ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި، އެ ކޯޓުން 19 ނޮވެންބަރު 2026 ގައި
ކުރެއްވި ތާރީޚީ
ޙުކުމުގައި، މިޔަންމާގެ އުތުރު ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ
މީހުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގުމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެ
ކަމަށް ކަނޑައަޅުއްވައިފިއެވެ.
މިއީ ޤަތުލުޢާންމު ހިންގުމުގެ ޒިންމާ ދައުލަތަކުން އުފުލަންޖެހޭ ކަމަށް
އައި.ސީ.ޖޭ. އިން ކަނޑައެޅުއްވި ފުރަތަމަ ފަހަރެވެ. އައި.ސީ.ޖޭ. ގެ މި ޙުކުމުގައި، މިޔަންމާގެ ސަލާމަތީ
ބާރުތަކުން ރޮހިންޖާގެ އެތައް ހާސް އާންމު ރައްޔިތުންނެއް މަރާލައި، ފުޅާ
ދާއިރާއެއްގައި ޖިންސީ އަނިޔާގެ ޢަމަލުތައް ހިންގައި، ކުޑަކުދިންނާ ދެކޮޅަށް
އިންތިހާއަށް އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ ކަމަށް ވަނީ
ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން،
ޤަތުލުޢާންމު ހުއްޓުވުމަށާއި، އެކަން ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް
މިޔަންމާއިން ނުކުޅެދިފައިވާ ކަމަށްވެސް ކޯޓުން ވަނީ ނިންމަވާފައެވެ.
އައި.ސީ.ޖޭ. ގެ މި
ނިންމެވުމުގައި، 2017 ވަނަ އަހަރު ހިންގި "ކްލިއަރެންސް އޮޕަރޭޝަންސް"
ގައި ބައިވެރިވި ކަމަށް އެކަށީގެންވާ ގޮތެއްގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ
މައްސަލަ ތަޙްޤީޤުކޮށް، އެކަމަށް ޒިންމާވާ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށް
އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް ވަނީ އަމުރުކުރައްވާފައެވެ. އަދި މިޔަންމާގެ ޣައިރު ޤާނޫނީ ޢަމަލުތަކުގެ ސަބަބުން
ލިބުނު ގެއްލުމުގެ ބަދަލު ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ދިނުމަށާއި، އެ
ޢަމަލުތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން ރައްކާތެރިކަމާއެކު އެނބުރި
ވަޒަނަށް ރުޖޫޢަވުމުގެ ފުރުޞަތު ދިނުމަށްވެސް ކޯޓުން ވަނީ އަންގަވާފައެވެ.
ޤަތުލުޢާންމުގެ ކުށް
ހުއްޓުވުމާއި އަދަބު ދިނުމާބެހޭ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގެ
ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ
ފުރަތަމަ އިޢުލާންކުރި ޤައުމަކީ ދިވެހިރާއްޖެއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ އޭޖެންޓަކީ
ބަންޑާރަނައިބު އަޙްމަދު އުޝާމްއެވެ. އަދި
ދިވެހިރާއްޖެ ތަމްސީލުކުރެއްވި ވަކީލުންނަކީ ބެރިސްޓަރ އަދި ޕްރޮފެސަރ އަމާލް
ކްލޫނީ އާއި، ބެރިސްޓަރ އަދި ޕްރޮފެސަރ ފިލީޕާ ވެބް ކޭ.ސީ. އެވެ.
މި މައްސަލައަށް
ދިވެހިރާއްޖެއިން ތަދައްޚުލުވެ ހުށަހެޅި ހުށަހެޅުންތަކުގައި، ޤަތުލުޢާންމު ހިންގި
ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް އޮތް ޒިންމާއަށް
އަލިއަޅުވާލާފައިވާނެއެވެ. އެގޮތުން، މިނިވަން އަދި މުސްތަޤިއްލު
ޓްރައިބިއުނަލެއްގެ ކުރިމަތީގައި ކުށްވެރިންގެ މައްސަލަ ތަޙްޤީޤުކޮށް
ދަޢުވާކުރުމުގެ ވާޖިބާ ގުޅޭގޮތުން ދިވެހިރާއްޖެއިން ވަނީ ނުކުތާތައް
ހުށަހަޅާފައެވެ.
އައި.ސީ.ޖޭ. ގެ
ޙުކުމުގައި، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އުފުލަންޖެހޭ މުހިންމު ދެ
އިލްތިޒާމަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ހުށަހެޅި ޤާނޫނީ ނުކުތާތަކަށް ކޯޓުން
ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދައުލަތެއްގެ ސަރަޙައްދުގައި ޤަތުލުޢާންމު
ހިންގައިފިކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފެންނަ ހިނދުން ފެށިގެން،
އެކަން ތަޙްޤީޤުކުރަންޖެހޭނެ ކަމަށާއި، އެ ތަޙްޤީޤުތަކަކީ އަވަސް، ހަރުދަނާ،
ފުރިހަމަ، މިނިވަން، މުސްތަޤިއްލު އަދި ހެޔޮ ނިޔަތުގައި ކުރިއަށްގެންދާ
ތަޙްޤީޤުތަކަކަށް ވާންޖެހޭނެކަމަށް ދިވެހިރާއްޖެއިން ހުށަހެޅި ނުކުތާތަކަށް ދަ
ގެމްބިއާއިން ތާއީދުކޮށްފައިވާކަން ކޯޓުން ވަނީ ޙުކުމުގައި (ޕެރެގްރާފް 511 އަދި
516) ފާހަގަކުރައްވާފައެވެ. މީގެ
އިތުރުން، ކޮންވެންޝަންގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ ދަށުން އަދަބު
ދިނުމުގެ ވާޖިބު އަދާކުރުމަށްޓަކައި، މިފަދަ މައްސަލަތަކާ ގުޅިގެން ހިންގޭ ޝަރީޢަތްތަކުގައި،
މިނިވަންކަމާއި މުސްތަޤިއްލުކަންފަދަ އިންސާފުވެރި ޝަރީޢަތެއްގައި ހުންނަންޖެހޭ
އެންމެހައި ސިފަތައް ހުންނަންޖެހޭނެ ކަމަށާއި، ކޯޓުން ކަނޑައަޅާ އަދަބަކީ ޤަތުލުޢާންމު
ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ، އަދި ކުރިމަގުގައި އެފަދަ ޢަމަލުތައް
ހުއްޓުވުމަށް ބާރުއަޅާ އަދަބަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށް ދިވެހިރާއްޖެއިން
ހުށަހެޅި ހުށަހެޅުމަށްވެސް ކޯޓުގެ ޙުކުމުގައި (ޕެރެގްރާފް 518) ވަނީ
ތާއީދުކުރައްވާފައެވެ.
މީގެއިތުރުން، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އަދަބު ލިބެންޖެހޭ
އެންމެހައި ޢަމަލުތަކަށް ދަޢުވާކުރެވޭނެ ފަދަ ޤާނޫނީ އޮނިގަނޑުތައް ޤައުމުތަކުން
ޤާއިމުކުރަންޖެހޭނެ ކަމަށާއި، އެ އޮނިގަނޑުގެ ދަށުން މި ޖަރީމާ ހިންގާ ހުރިހާ
ފަރާތްތަކެއްގެ މައްޗަށް ދަޢުވާކޮށް، އެކަށީގެންވާ ހަރުކަށި އަދަބު ދެވޭނެކަން
ކަށަވަރުވާންޖެހޭނެ ކަމަށް ވަކާލާތުކޮށް ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް
ކޯޓުން ވަނީ ޙުކުމުގައި (ޕެރެގްރާފު 559) ރިއާޔަތްކުރައްވާފައެވެ.
އައި.ސީ.ޖޭ. ގެ މި ތާރީޚީ ޙުކުމާ ގުޅޭގޮތުން ބަންޑާރަނައިބު އަޙްމަދު އުޝާމް
ވިދާޅުވީ: "ދިވެހިރާއްޖެއިން މި
މައްސަލައަށް ތަދައްޚުލުވެފައިވަނީ، ޤަތުލުޢާންމު ހިންގާ ފަރާތްތަކަށް އަދަބު
ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހަދައި، ޤަތުލުޢާންމުގެ ޝިކާރައަށްވެފައިވާ
ފަރާތްތަކަށް އިންސާފު ހޯދައިދީ، އެ ޢަމަލު ހިންގާ ފަރާތްތައް ޒިންމާކުރުވުމަށް
މަގުފަހިކުރުމަށްޓަކައެވެ. ރޮހިންޖާ
ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ދައުލަތުގެ މަތީ
މަޤާމުތަކުގައި ތިބޭ ފަރާތްތައްވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ
މައްސަލަ މިޔަންމާއިން ވަގުތުން ތަޙްޤީޤުކޮށް، ދަޢުވާކޮށް، އެފަރާތްތަކަށް އަދަބު
ދޭންޖެހޭނެ ކަމަށް އައި.ސީ.ޖޭ. އިން ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ދިވެހިރާއްޖެއިން
މަރުޙަބާ ކިޔަމެވެ. ޖެނޮސައިޑް
ކޮންވެންޝަން ނެގެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި
ދޫވެގެންދާ ދިއުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން
އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި
ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެއެވެ."
އަމާލް ކްލޫނީ އާއި
ފިލީޕާ ވެބް ކޭ.ސީ. ވިދާޅުވީ: "މި ތާރީޚީ ޙުކުމަކީ، މިހާރުވެސް ރެފިއުޖީ ކޭމްޕްތަކުގައި ނިކަމެތި ހާލުގައި
ދިރިއުޅެމުންދާ އެތައް ބަޔަކު ހިމެނޭހެން، މި ޖަރީމާގެ ޝިކާރައަކަށްވި
ފަރާތްތަކުން އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން އައި ޙުކުމެކެވެ. ފުރަތަމަ ފަހަރަށް އައި.ސީ.ޖޭ. އިން މިވަނީ ޤަތުލުޢާންމު
ހިންގުމުގެ ޒިންމާ ދައުލަތަކުން ނަގަންޖެހޭކަމަށް ކަނޑައަޅުއްވާފައެވެ. ކުށްވެރިންނަށް
ދައުލަތްތަކުން ޙިމާޔަތް ނުދެވޭނެ ކަމާއި، ޖެނޮސައިޑް ކޮންވެންޝަންގައި
ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އެ ފަރާތްތަކުގެ
މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާކުރަންޖެހޭނެ ކަންވެސް ކޯޓުން މިވަނީ
ސާފުކޮށްދެއްވާފައެވެ. މިޔަންމާއިން
ވަގުތުން ކޯޓުގެ މި ޙުކުމާ އެއްގޮތަށް ޢަމަލުކޮށް، ޝިކާރައަކަށްވި ފަރާތްތަކަށް
ޙައްޤުވާ ބަދަލު ދޭންޖެހެއެވެ."