މެންޑޭޓު

ބަންޑާރަނައިބުގެ އޮފީސް އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. 
2023 ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން މި އޮފީހުގެ މެންޑޭޓުގައި ހިމެނޭ މައިގަނޑު މަސައްކަތްތަކަކީ: 
  1. މަދަނީ މައްސަލަތަކުގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދައުލަތުގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުން.
  2. އާބިޓްރޭޝަނާއި މީޑިއޭޝަން ފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ނިޒާމުތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ މައްސަލަތަކުގައި ސަރުކާރު ތަމްސީލުކުރުން.
  3. ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުން ސޮއިކުރާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން، މި ލިޔުންތަކާ ގުޅޭކަންކަމުގައި އެ އިދާރާތަކަށް ޤާނޫނީ ލަފާދިނުން.
  4. ސަރުކާރާއި އެކިއެކި ފަރާތްތަކާއެކު ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން.
  5. އެކިއެކި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި އެ އިދާރާތަކުން އެކުލަވައިލާ ގަވާއިދުތަކަކީ ޤާނޫނުތަކުގެ ދާއިރާގެ ތެރޭގައި ހެދޭ ގަވާއިދުތަކެއްތޯ ބަލައި، އެ ގަވާއިދުތަކަށް ޢަމަލުކުރަން ފެށުމާ ބެހޭގޮތުންނާއި އެ ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތަކާ ބެހޭގޮތުން ޤާނޫނީ ލަފާދިނުން.
  6. ދިވެހިރާއްޖޭގެ ބޭންކުތަކާއި، ދިވެހިރާއްޖެއިން ބޭރުގެ ބޭންކުތަކާއި އެނޫންވެސް މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރީމަންޓްތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރީމަންޓްތައް ތަންފީޛު ކުރުމާ ގުޅޭގޮތުން އެ މާލީ އިދާރާތަކަށް ދޭންޖެހޭ ޤާނޫނީ ލަފާދިނުން.
  7. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުގެ ކުރިން އެ ބިލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން.
  8. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ދިވެހި ދައުލަތުން އުފުލަންޖެހޭ ބައިނަލްއަޤްވާމީ އިލްތިޒާމްތަކާ ގުޅޭގޮތުން ދިވެހި ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ޤާނޫނީ ލަފާދިނުން.
  9. ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ރާއްޖެއިން ސޮއިކުރާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާ ގުޅޭގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން.
  10. ދައުލަތާ ގުޅުންހުރި އެންމެހައި ކަންކަމުގައި ސަރުކާރަށް ޤާނޫނީ ލަފާދިނުން.
  11. ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ޕްރޮސެކިއުޓަރ ޖެނެރަލަށް އެންގުން.
  12. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ބިލުތައް ބަޔާންކުރާ "ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ" އެކުލަވައިލައި، އެ އެޖެންޑާގެ ދަށުން އެކުލަވައިލަންޖެހޭ ބިލުތައް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކުލަވައިލުން.
  13. ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާތައް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރުމާއި، އެ ދާއިރާތަކުގެ މަޝްވަރާއާއެކު ކަމާގުޅޭ ބިލުތައް އެކުލަވައިލުން.
  14. ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ޤާނޫނުތައް އުވައިލުމަށް، ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް މަޝްވަރާދިނުމާއި، ކަމާގުޅޭ ބިލުތައް އެކުލަވައިލުން.
  15. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ދިވެހި ދައުލަތުން އުފުލަންޖެހޭ އިލްތިޒާމްތަކާ ގުޅިގެން އަލަށް އެކުލަވައިލަންޖެހޭ ޤާނޫނުތަކާއި، އިޞްލާޙުތައް ގެންނަންޖެހޭ ޤާނޫނުތަކާގުޅޭ ބިލުތައް، ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު އެކުލަވައިލުން.
  16. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  17. އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުން.
  18. އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ދިވެހިރާއްޖެއިން ތައްޔާރުކުރަންޖެހޭ "ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ރިޕޯޓު"ތައް ތައްޔާރުކުރުމާއި، އެ ރިޕޯޓުތަކާ ގުޅިގެން ދިވެހިރާއްޖެއިން ކުރަންޖެހޭ ކަންކަން ކުރުން.
  19. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ތައްޔާރުކުރާ ރިޕޯޓްތައް އެކުލަވައިލުމުގައި އެހީތެރިވެ، އެ ރިޕޯޓްތައް ކަމާބެހޭ "ޓްރީޓީ ބޮޑީ" ތަކަށް ހުށަހެޅުމުގެ ކުރިން އެ ރިޕޯޓްތަކަށް ޤާނޫނީ ލަފާދިނުން.
  20. ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އުސޫލުތަކަކީ އިންސާނީ ޙައްޤަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެކުލަވައިލާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އުސޫލުތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އުސޫލުތަކުގައި ހުރި އިންސާނީ ޙައްޤުތަކާ ޚިލާފު ކަންތައްތައް ފާހަގަކޮށް، ދައުލަތުގެ އިދާރާތަކުންނާއި، ބައިނަލްއަޤްވާމީ އިދާރާތަކުން ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  21. އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާއި، ސަރަޙައްދީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ދިވެހިރާއްޖޭން ތަޞްދީޤުކުރުމގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާއި، ހުށަހަޅާ ހުށަހެޅުންތަކާގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
  22. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ޝާއިޢުކުރުމާއި، އެ ޤާނޫނުތައް ފަސޭހަކަމާއެކު ބެލޭނެ އަދި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމާއި، ޤާނޫނުތަކަށް ގެނެވޭ އިޞްލާޙުތައް ހިމެނޭގޮތުން ޤާނޫނުތައް އަލުން އެކުލަވައިލައި (ކޮންސޮލިޑޭޓްކޮށް)، ކަނޑައެޅޭ ވަކި މުއްދަތުތަކަކުން އާކުރަމުން ގެންދިއުން.
  23. ދިވެހިރާއްޖޭގެ ޤާނޫނުތައް ތަރުޖަމާކޮށް ޢާންމުކޮށް ލިބޭނެގޮތް ހަމަޖެއްސުން.
  24. ރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާ ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުން.
  25. ކްލެމެންސީ ބޯޑުގެ މަސައްކަތްތަކުގައި ބަންޑާރަނައިބުއަށާއި ބޯޑުގެ ދާއިމީ މެންބަރުންނަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުން.
  26. ސަރުކާރު އޮފީސްތަކުގައި ޤާނޫނީ ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުން ތަބާވާންޖެހޭ ޚާއްޞަ މިންގަނޑުތައް އެކުލަވައިލުން.
  27. ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  28. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ބަންޑާރަނައިބާ މަތިކޮށްފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
     އޮފީސް ފޮރ ސިވިލް ރައިޓްސް ހިނގަމުންދާނީ ބަންޑާރަނައިބުގެ އޮފީހުގެ ދަށުންނެވެ.
އޮފީސް ފޮރ ސިވިލް ރައިޓްސްގެ މަސައްކަތްތައް
  1. ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ މަދަނީ ޙައްޤުތައް ރައްކާތެރިކޮށް، އެ ޙައްޤުތައް ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމާގުޅޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުން.
  2. މަދަނީ ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާގުޅޭ ޝަކުވާތަކާއި، މަދަނީ ޙައްޤުތައް ލިބިނުދީ ހިފެހެއްޓުމާގުޅޭ ގޮތުން ރައްޔިތުންކުރާ ޝަކުވާތައް ސަރުކާރަށް ހުށަހަޅާނެ ރަސްމީ ނިޒާމެއް ޤާއިމުކޮށް، އެ ޝަކުވާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  3. ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މަދަނީ ޙައްޤުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދެވޭނެ ގޮތަށް އެ މުއައްސަސާތަކުން ކަންކަން ކުރަމުންގެންދޭތޯ ބަލައި، މަދަނީ ޙައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުގެ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް މުރާޖާޢާކޮށް، ކަމާގުޅޭ މަޝްވަރާއާއި ލަފާދިނުން.
  4. މަދަނީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ދިވެހިރާއްޖޭގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. މަދަނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މަދަނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭ ޕްރޮގްރާމުތައް ރާވައި ހިންގުން.
  6. މަދަނީ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބައިނަލްއަގުވާމީ ޖަމްޢިއްޔާ ތަކާއި އެހީ ދޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެފަދަ ޖަމްޢިއްޔާ ތަކާއެކު ހިންގޭ އެކިއެކި ޙަރަކާތްތައް ވިލަރެސްކުރުން.
  7. މަދަނީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމާ ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުން.