ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާއާ ބައްދަލުކުރައްވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ޔޫ.އެން.ޑީ.ޕީ. ގެ އެހީތެރިކަމާއެކު މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ގަވަރނަންސް ނިޒާމު ހަރުދަނާކުރުމަށް ބަންޑާރަނައިބުގެ އޮފީހާއި ޔޫ.އެން.ޑީ.ޕީ. އާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އޭގެ އިތުރުން، މިބައްދަލުވުމުގައި، ކުރިއަށް އޮތް ތަނުގައިވެސް ބަންޑާރަނައިބުގެ އޮފީހާއި ޔޫ.އެން.ޑީ.ޕީ. އާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ބަންޑާރަނައިބު އުޝާމް ދެއްވިއެވެ. އަދި ޔޫ.އެން.ޑީ.ޕީ. ގެ ފަރާތުން އަބަދުވެސް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ބަންޑާރަނައިބު އުޝާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން އެސިސްޓަންޓް ޗީފް ކައުންސެލް ފައެނާ ފައްޔާޟު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޔޫ.އެން.ޑީ.ޕީ. ގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ އިތުރުން، ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގަންއާއި، ޕްރޮގްރާމް ސްޕެޝަލިސްޓް - ގަވަރނަންސް، ޔާސްމީން ރަޝީދު އަދި ޕްރޮގްރާމް މެނޭޖަރު ހަމްނާ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.