ބަންޑާރަނައިބުގެ
އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ރަސްމީ ޖަލްސާއެއް ބާއްވައިފިއެވެ. ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިރޭގެ
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު
ފުރުމުގެ މުނާސަބަތުގައި ބަންޑާރަނައިބުގެ އޮފީހުން ޝާއިޢުކުރުމަށް
ތައްޔާރުކޮށްފައިވާ "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރެދެއްވައި،
ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި
ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންޑާރަނައިބުގެ އޮފީހަށް 20 އަހަރަށްވުރެ ދިގު
މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވައިފައެވެ.
އޭގެ
އިތުރުން، ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު
މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށްވެސް މިރޭގެ ޖަލްސާގައިވަނީ ހަނދާނީ
ފިލާ ދެއްވާފައެވެ. މި މުވައްޒަފުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.
މިރޭގެ
ޖަލްސާގައި، ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް
ހަނދާނީ ފިލައެއް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި ހަނދާނީ ފިލާ އެރުވީ
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.
މިރޭ
ބޭއްވި ބަންޑާރަނައިބު އޮފީހުގެ އަލިމަސް ޔޫބީލް ޙަފުލާގައި ދިވެހިރާއްޖޭގެ
އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި، ކެބިނެޓް
މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި، ޝަރުޢީ ކޯޓުތަކުގެ
އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުންނާއި، ބަންޑާރަނައިބުގެ އޮފީހުގައި
މީގެ ކުރިން ޚިދުމަތްކުރައްވާފައިވާ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި، މިހާރުވެސް
ބަންޑާރަނައިބުގެ އޮފީހުގައި ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުން
ބައިވެރިވެވަޑައިގެންނެވިއެވެ.