ދައުލަތަށް ގެއްލުންވާ ގޮތަށް އެއްވެސް އެއްބަސްވުމެއް މިސަރުކާރުން ނަހަދާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީީޑިއާ ޕީއެސްއެމްގެ " ހަފްތާ 52" ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ މިސަރުކާޜުން ވެރިކަމާ ހަވާލުވުމަށް ފަހު ވަރަށް ގިނަ އެއެބަސްވުންތައް ރިވިއުކުރުމަށް ފަހު ވަރަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅުވި ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް އެއްބަސްވުންތައް އެކުލަވާލުމަކީ އެމަނިކުފާނު ބަންޑާރަނައިބުގެ މަޤާމާ ޙަވާލުވިފަހުން ވަރަށް އިސްކަމެއް ދީގެން ބަލާ ކަމެއް ކަމުގައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އެއްގޮތަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނުގެއްލޭ ގޮތަށް އަދި ދައުލަތަށް ގެއްލުން ނުވާ ގޮތަށް އެއްބަސްވުންތައް ހެދޭކަން މިހާރު ޔަޤީންކުރާ ކަމަށްވެސް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
މިވޭތުވެ ދިޔަ އެއް އަހަރު ދުވަސްތެރޭގައި އެކިއެކި ފަރާތްތަކާއި އެކީގައި ކޮށްފައޮތް އެއްބަސްވުންތަކުގައި ކުރީގައި ފެނުނު ކަންތައްތަކެއް ނުހުންނާނެ ކަމުގެ ޔަޤީންކަންވެސް ބަންޑާރަނައިބު އުޝާމެ ދެއްވިއެވެ.