ރިޔާސީ ދައުރު ބަދަލުވާ ތާރީޚަކީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަށް ހެދުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ހަމަޖެހިފައިވާކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރުގެ ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅޫވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ބޭނުންފުޅުވާ ގޮތަކީ ޒަމާނުންސުރެން ރާއްޖޭގައި ކަންހިންގަމުން އައިގޮތަށް، ރިޔާސީ ދައުރު ބަދަލުވާ ތާރީޚަކީ ނޮވެންބަރު މަހުގެ 11ވަނަ ދުވަސްކަމަށް ކަނޑައަޅަން ކަމަށެވެ.
ދައުލަތުގެ މީީޑިއާ ޕީއެސްއެމްގެ " ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ ޤާނޫނުއަސާސީއަށް އިޞްލާޙެއް ނުގެނެސް މިބަދަލު ގެނެވެން ނެތް ކަމަށާއި ޤާނޫނުއަސާސީ ބުނާގޮތުން ވެރިކަމުގެ ދައުރު ބަދަކުރާކަމުގައިވާނަަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމުގައެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅޫވީ ޤާނޫނުއަސާސީގައި ބުނަނީ ރިޔާސީ ދައުރަކީ 5 އަހަރު ދުވަސް ކަމަށާއި، އެދައުރުން އެންމެ ދުވަހެއް އުނިކުރާ ކަމުގައިވާ ނަމަވެސް ޤާނޫނީ ގޮތުން ޞައްޙަ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ޤާނޫނުއަސާސީ އިޞްލާޙްކޮށްގެން ކުރިއަށް ދިއުންކަމުގައެވެ.
އެހެންކަމުން، މިކަމުގައި ޤާނޫނުއަސާސީ އިޞްލާޙްކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާނެ ކަމަށާއި، އަދި ރައްޔިތުން އެކަމަށް ތާޢީދުކުރައްވައިފި ކަމުގައިވާނަމަ، 2028 ވަނަ އަހަރު ރިޔާސީ ދައުރު ފެށޭނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމުގައި ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވިއެވެ.